ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން ފުރިހަމަކުރި މީހުންގެ އަދަދު 303،430 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު ވެކްސިން އަލަށް 301 މީހަކު ވަނީ ފުރިހަމަ ކޮށްފަ އެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 178 މީހުންނާއި، ރަށްރަށުން ދެވަނަ ޑޯޒް ޖެހި 123 މީހުން ހިމެނެ އެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 303،430 އަށް އަރާފަ އެވެ.
ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 85 ޕަސެންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ 84 ޕަސެންޓް ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ މިހާރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން ކަމަށެވެ. އެގޮތުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން އެބަ ތިބި ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި، ދާންމަތިވެފައި ތިބޭ މީހުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މަބްރޫކް ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައިވާ ގޮތަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޖެހުން ހާސިލްކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަމުންނެވެ. އެގޮތުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ޖަހަމުންދަނީ ފައިޒާ ވެކްސިން އެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި މާބަނޑު މީހުންނަށް ވެސް ފައިޒާ ވެކްސިން ޖަހައިދެ އެވެ.