އދ.ގެ އާންމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހަރު ތަގްރީރު ކުރައްވާނީ ދިވެހި ބަހުން ކަމަށް މައުލޫމަތު ލިބިއްޖެ އެވެ.

ރައީސް ސޯލިހު ދިވެހިން ތަގުރީރުކުރެއްވުމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެކަމަށް ވަކި ޖަވާބެއް ރައީސް އޮފީހުން ނުދެ އެވެ.

މީގެ ކުރިން 2006 ވަނަ އަހަރު ވެސް އދ.ގެ އާންމު މަޖިލީހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހި ބަހުން ތަގުރީރުކުރައްވާފައިވެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ އިއްޔެ އެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ތަގުރީރު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ. އާ ގުޅުނުތާ މިވީ ދިގު ތާރީޚުގައި ވެސް ރާއްޖެއަށް ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެކެވެ.

ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

މިއީ ރައީސް ސޯލިހު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ދެ ވަނަ ފަހަރެވެ.