ސިއްހީ ކަމަކާއި ގުޅިގެން ނުވަތަ އެކި ސަބަބުތަކާ ހުރެ ވެކްސިން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ މީހުން އަތޮޅުތެރެއަށް ކަރަންޓީނު ނުވެ ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، ސިއްހީ އެކި ސަބަބުތަކާއި ގުޅިގެން ނުވަތަ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން، ރަށްރަށަށް ދަތުރު ކުރާއިރު، ދަތުރުކުރެވޭ ރަށްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވެކްސިންގެ ޑޯޒު ފުރިހަމަކޮށްފައި ވާނަމަ، ދަތުރުކުރާ މީހުން ކަރަންޓީނު ވުމެއް ނެތި ތިބެވޭނެ އެވެ.
މިގޮތުން އެ ރަށްރަށުގައި ވެކްސިން ފުރިހަމަވެފައިވޭތޯ ބެލުމަށް ވަކި މިންގަނޑުތަކަކަށް ބެލޭނެކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ވެކްސިންޖެހުމަށް ޝަރުތުހަމަވާ 12 އަހަރުން މަތީގެ އާބާދީން 90 އިންސައްތަ ފުރިހަމަވެފައި ވާންޖެހޭނެ ކަމަށާއި، 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެސް 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަވެފައި ވާން ޖެހޭނެ ކަމަށެވެ.
ހަމައެހެންމެ ގެސްޓުހައުސްގެ ވިޔަފާރިކުރާ ރަށެއް ނުވަތަ ރިސޯޓު ތަރައްގީކުރާ ރަށެއްނަމަ އެތަނުގެ މުވައްޒަފުންގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ނަމަވެސް މި ރަށްތަކުގައި މި މިންގަނޑުތައް ފުރިހަމަވެފައި ނުވާނަމަ، އެޗްޕީއޭގެ އެންގުމާއި ގުޅިގެން ވެކްސިން ނުޖެހޭ މީހުން، 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މީގެ ކުރިން ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން، ކޮވިޑު ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް ހަރުކަރިކުރުމަށްފަހު އަނެއްކާވެސް ލުއިކުރީ ކޮވިޑުގެ ކޭސްތައް މަދުން ފެނުމާ ގުޅިގެންނެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި އަތޮޅުތަކަށް ދަތުރުކުރާ މީހުންނަށް ލުއިތަކެއްދީފައިވާއިރު، މީގެ ތެރޭގައި އެ ރަށެއްގެ އާބާދީގެ ވަކި އިންސައްތައެއް، ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ކަރަންޓީނުވާން ނުޖެހުމާއި، ވެކްސިންގެ ދެވަނަ ޑޯޒްނުޖަހާ މީހުން، ނެގެޓިވް ސާމްޕަލްއެއް ހުށަހެޅުމުން ވެސް ކަރަންޓީނުވާން ނުޖެހުން ހިމެނެ އެވެ.