ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން އަލަށް 633 މީހުން ފުރިހަމަކޮށް، ޖުމްލަ ވެކްސިން ޖެހި މީހުންގެ އަދަދު 335،926 އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު ވެކްސިން އަލަށް 633 މީހަކު ވަނީ ފުރިހަމަކޮށްފަ އެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި 134 މީހަކާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 499 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 335،926 އަށް އަރާފަ އެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރު ވަނީ ފައިޒާ ވެކްސިން ދޭން ފަށައިފަ އެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ހަ ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެ އެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް ތިން މޮބައިލް ޓީމް ހަރަކާތްތެރިވަމުންދެ އެވެ. އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.