އިންޑިއާގައި ތަމްރީނު ހަދަމުން ދަނިކޮށް މަރުވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން އަސްކަރީ ޝަރަފުގައި ބާއްވައިފި އެވެ.

ސުލްތާންގެ ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު އާ ސަހަރަަގަ އެވެ.

ސުލްތާންގެ ޖަނާޒާގައި ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވި އެވެ.

އއ. ހިމަންދޫ އަށް އުފަން ސުލްތާން މަރުވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި މިދިޔަ ހޮނިހިރު ދުވަހު އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް ބުންޏެވެ.

"މިދުވުމުގެތެރޭގައި މުޙައްމަދު ސުލްތާން ވެއްޓުމުން ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވޭ. އަދި ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޭނާ ވަނީ މަރުވެފައި،" އެމްއެންޑީއެފް އިން ބުންޏެވެ.

ސުލްތާން ނިޔާވުމާއި ގުޅިގެން ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.

އޭޕްރީލް 8، 2018 ގައި ސިފައިންގެ ޚިދުމަތާ ގުޅުނު ސުލްތާން ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗް 1 އިން 2024 ވަނަ އަހަރުގެ މާޗް 15އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ.

ސުލްތާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށްގެންދިޔަ ފިޒިކަލް ޓްރޭނިންއެއްގެ ތެރެއިން ސުލްތާން ވެއްޓުނީ ކަމަށެވެ. އަދި ސުލްތާން ވެއްޓުމުން ވަގުތުން އޭނާއަށް އެޓެންޑް ވެފައިވާ ކަމަށް ވެސް އެންޑީއޭ އިން ބުންޏެވެ.

ސުލްތާން މަރުވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް އިންކުއަރީއެއް ހެދުމަށް ނިންމާފައިވާ ކަމަށާއި ސުލްތާން މަރުވި ސީދާ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް އެންޑީއޭއިން ބުނެ އެވެ.

ނަމަވެސް ސުލްތާންގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފައިވަނީ ޕޯސްޓްމޯޓަމް ނުހަދަ އެވެ. އެމްއެންޑީއެފް އިން ބުނީ ޕޯސްޓްމޯޓަމް ނުހަދާ ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައީ އާއިލާއިން އެގޮތަށް ބޭނުންވާތީ ކަމަށެވެ.