ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކުވެރިންނަށްވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ މެންބަރުންނަށް ވީއައިޕީ ލައުންޖު ބޭނުންކުރުމުގެ ހިދުމަތާ ގުޅޭ ގޮތުން އާންމު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ސިއްރުންނެވެ.

އެ ބައްދަލުވުމުގައި ނިންމާފައިވަނީ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެންބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށްވެސް ލަައުންޖު ބޭނުންކުރެވޭނެ ކަމަށެވެ.

މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.

މި ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވާކަށް ނުޖެހެއެވެ.