މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއް ޕެޓްރޯލްކޮށް މަސްތުވާތަކެއްޗާއި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ތަކެތި ފެނިފައި ވަނީ ގދ. ތިނަދޫ އަދި ސ. ހިތަދޫ ޕެޓްރޯލްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެގޮތުން ތިނަދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ބެލެހެއްޓުމަށް ޕެޓްރޯލުކުރަމުން ދިޔައިރު، މަގުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ހުއްޓުވާފައިވާ ކަމަށާއި، އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މިމަހުގެ މަހުގެ 28 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ހިތަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަން ފާހަގަކޮށް ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލް ގެ 11 ފުޅިއެއް ހޯދާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުންނާއި ހިތަދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން ގެންދާނެ ކަމަށެވެ.