ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް މިއަދުން ފެށިގެން ގުނަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފި އެވެ.

ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފާއިތުވި މަސައްތަކުގައި އެޗްޑީސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހިޔާ ފްލެޓްގެ އެގްރީމަންޓުތަކުގައި ސޮއިކޮށްފައި ވާއިރު އެ އެގްރީމަންޓުތަކުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ފްލެޓު އެއްބަސްވުމުގައި ސޮއިކުރާއިރު އެ ޓަވަރަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ލިބިފައި ނުވާނަމަ ގްރޭސް ޕީރިއަޑްގެ ތިންމަސް ދުވަސް ގުނަން ފަށާނީ އެ ޓަވަރަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބުމުން ކަމަށެވެ.

އެ ހިދުމަތް ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ލިބިފައި ވާތީ މިއަދުން ފެށިގެން ގްރޭސް ޕީރިއަޑްގެ ތިންމަސް ގުނަން ފަށާނެ ކަމަށާއި އަދި މި ތިން މަސްދުވަސް ހަމަވުމަށްފަހު އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓް އަދި މެނޭޖްމަންޓް ފީ ހިނގަން ފަށާނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ. ހުރިހާ ފީއަކާއެކު މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ފްލެޓަށް ދައްކަން ޖެހެ އެވެ.

މަހު ކުލި ކުޑަ ކުރުމަށާއި، އަދި ގްރޭސް ޕީރިއަޑް އިތުރު ކޮށްދިނުމަށް ވެސް ފުލެޓް ލިބުނު ގިނަ ފަރާތްތަކަކުން ވަނީ ސަރުކާރުގައި އެދިފަ އެވެ. އަދި އެކަމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން، ތިން މަސް ދުވަހުގެ ތެރޭގައި، އެތަން އެއްކޮށް ފިނިޝިން ނުނިންމޭނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

މިހާރު ބައެއް އާއިލާތަކުން ހިޔާ ފުލެޓްތަކުގައި ދިރިއުޅެން ފަށާފައިވީ ނަމަވެސް، އެތަނުގައި ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ކަމަށްވާ، ފޭސް ދޭއްގައި މިސްކިތެއް ބިނާ ކުރުމާއި، ބަހުގެ ހިދުމަތް ފަދަ ހިދުމަތްތައް ނުދެވި ހުރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ފާޑުކިޔުންތައް އަމާޒުވުމާއެކު މިއަދު ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަށަށް ބަހުގެ ހިދުމަތްދޭ ފަށާފަ އެވެ.