ރާއްޖެއިން، ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރި މީހުންގެ 339,481 އަށް އަރައިފި އެވެ.

ކޮވިޑުން ސަލާމަތްވުމަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި އަދަދު އިތުރުވީ މިދިޔަ ބުރާސްފަތި ދުވަހު އަލަށް ވެކްސިން ފުރިހަމަ ކުރި 1،082 މީހުންނާއެކު އެވެ.

މިގޮތުން ބުރާސްފަތި ދުވަހު ވެކްސިން ފުރިހަމަ ކުރި މީހުންގެ ތެރޭގައި، ގްރޭޓާ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަ ކުރި 405 މީހަކާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަ ކުރި 677 މީހެއް ހިމެނެ އެވެ.

މީގެ އިތުރުން 171 މީހަކު ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. މިގޮތުން ގްރޭޓާ މާލެ ސަރަހައްދުން 85 މީހަކު ވެކްސިން ޖަހާފައިވާއިރު، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ 86 މީހެކެވެ.

ކޮވިޑު ފެތުރުން ހުއްޓުވައި ބަލިން ރައްކާތެރިވެ ތިބުމަށް ރާއްޖޭގައި މިވަގުތު އާންމުކޮށް ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޮފާމް ވެކްސިނެވެ.

އެހެންނަމަވެސް ހާއްސަ ހާލަތްތަކުގެ މަތިން ބައެއް މީހުންނަށް ފައިޒާ ވެކްސިން ވެސް ޖަހަމުންދެއެވެ. އޭގެ ތެރޭގައި އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ޖަހަ އެވެ.