ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ބަލި މީހަކަށް ނަރުހުން އަޅާނުލާކަމުގެ ތުހުމަތު އާއިލާއިން ކޮށްފި އެވެ.

މިފަދައިން ތުހުމަތުކޮށްފައި ވަނީ އެ ފެސިލިޓީގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ނަރުހުން އަޅާނުލާ ކަމަށް ބުނުމާ ގުޅިގެން ކަމަށް އެ މީހާގެ އާއިލާއިން ބުންޏެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީން ކުރި ޓުވީޓެއްގައި، ވަނީ އެއްވެސް ހަރަކާތެއް ނުކުރެވޭ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 27 އަހަރުގެ އަންހެނަކު، ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ކުއްޖާގެ މަންމަ އާއި ބައްޕަ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ، އެ ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އެ އެސޯސިއޭޝަނުން ވަނީ ތަކުރާރުކޮށް ނަރުހުންގެ ކިބައިން ބެލެނިވެރިން އާދޭސްކުރަމުން ގެންދާކަން ވެސް ފާހަގަކޮށްފަ އެވެ.

މި މައްސަލަތައް ފެންމަތިވުމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންގެންދާއިރު، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެސޯސިއޭޝަނުން ވަނީ އެޗްޕީއޭއަށް ގޮވާލާފަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން މިހާތަނަށް ކަމާ ބެހޭ އިދާރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.