ރާއްޖޭގައި ކޮވިޑް ވެކްސިން އިތުރު 671 މީހަކު ފުރިހަމަކޮށް، ޖުމްލަ ވެކްސިން ޖެހި މީހުންގެ އަދަދު 341،401 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން މިރޭ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 671 މީހަކު އަލަށް ކޮވިޑް ވެކްސިންގެ ވަނީ ފުރިހަމަ ކޮށްފަ އެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ފުރިހަމަ ކުރި 310 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ފުރިހަމަ ކުރި 361 މީހުންނެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 341،401 އިތުރުވެފަ އެވެ.

ކޮވިޑުން ދިފާއުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަލަށް 101 މީހުން ޖަހާފައިވެ އެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 392،591 އިތުރުވެފަ އެވެ.

ކޮވިޑު ފެތުރުން ހުއްޓުވައި ބަލިން ރައްކާތެރިވެ ތިބުމަށް ރާއްޖޭގައި މިވަގުތު އާންމުކޮށް ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޮފާމް ވެކްސިނެވެ.

އެހެންނަމަވެސް ހާއްސަ ހާލަތްތަކުގެ މަތިން ބައެއް މީހުންނަށް ފައިޒާ ވެކްސިން ވެސް ޖަހަމުންދެއެވެ. އޭގެ ތެރޭގައި އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ޖަހަ އެވެ.