ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން ފުރިހަމަކުރުމުން، އިނގިރޭސިވިލާތަށް ދިއުމަށްފަހު ކަރަންޓީނުވާން ނުޖެހޭނެ ގޮތަށް އެ ގައުމުން ހަދައިފި އެވެ.

ކޮވިޑާ ގުޅިގެން މަހަކު އެއްފަހަރު އެކި ގައުމުތަކަށް އަޅާފައި ހުންނަ ފިޔަވަޅުތަކަށް އެގައުމުން ބަދަލުތަކެއް ގެންނައިރު، އިނގިރޭސި ވިލާތުން ވަނީ އިއްޔެ މި ބަދަލުތައް އާންމުކޮށްފަ އެވެ. އަދި މި ބަދަލުތަކާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އާންމުކޮށްފައިވެ އެވެ.

އެއާއެކު އަންނަ އާދިއްތަ ދުވަހުގެ ފަތިހު 4 ގެ ފަހުން ރާއްޖެއިން ވެކްސިން ފުރިހަމަކުރުމަށްފަހުގައި އިނގިރޭސިވިލާތަށް އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ވަނީ ހަދާފަ އެވެ.

މީގެ ތެރޭގައި ހިމެނެނީ އެސްޓްރަޒެނެކާ ވެކްސިނާއި ފައިޒާ ވެކްސިންގެ އިތުރުން ކޮވިޝީލްޑް ވެކްސިން ޖަހާ މީހުންނެވެ. އެހެންނަމަވެސް ސިނޮފާމް ވެކްސިން ފުރިހަމަ ކުރި މީހުންނަށް މި އުސޫލަށް އަމަލުކުރެވޭނެ ކަމަކަށް އިނގިރޭސި ވިލާތުން ބުނެފައެއް ނުވެ އެވެ.

އެ ގައުމުން އިއްޔެ ގެނައި ބަލަދުތަކުގެ ތެރޭގައި އެގައުމުގެ ކޮވިޑް ރަތް ލިސްޓުން ގިނަ އަދަދެއްގެ ގައުމުތަކެއް ވެސް ވަނީ އުނިކޮށްފަ އެވެ. މި ލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ މިދިޔަ މަހު އެވެ.

މިގޮތުން އިއްޔެ ގެނައި ބަދަލުގައި 47 ގައުމެއް ލިސްޓުން އުނިކޮށްފައިވާއިރު، އެ ލިސްޓުގައި ބާކީވާ ގައުމު ތެރޭގައި މިހާރު ހިމެނެނީ ހަތް ގައުމެކެވެ. އޭގެ ތެރޭގައި ކޮލަމްބިއާއާއި ޕެނަމާ އާއި ޕެރޫގެ އިތުރުން، އިކްއެޑޯއާއި ހެއިޓީއާއި ޑޮމިނިކަން ރިޕަބްލިކް އަދި ވެނެޒުއޭނާ ހިމެނެ އެވެ.