ސަރުކާރުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖް ކަނޑައެލުމަށް ފަހު އަންނަ އަހަރުގެ ބަޖެޓަށް 600 މިލިއަން ރުފިޔާގެ ޑައިރެކްޓް އިމްޕެކްޓް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މަހެއްގެ މައްޗަށް އެންމެ މަދުވެގެން ދެވޭނެ މުސާރަ ކަނޑައެޅީ ސިވިލް ސާވިސްގެ މުއައްޒަފުންގެ ކިބައިން މިނިމަމް ވޭޖް ކަނޑައެޅުމަށް އެދި ގިނަ އަދަދެއްގެ ބަޔަކު ޝަކުވާ ހުށަހެޅުމުންނެވެ.

މިގޮތުން މިނިމަމް ވޭޖް ބޯޑުން ސަރުކާރުގެ މުވައްޒަފުންގެ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 33.65 ރުފިޔާ އެވެ.

އެއީ ދުވާލަކު ހަ ގަޑިއިރު މަސައްކަތްކުރާނަމަ މަހަކަށް 7،000 ރުފިޔާ އެވެ. މިނިމަމް ވޭޖް ބޯޑުން ފޮނުވާފައިވާ ލަފަޔަށް އަންނަ ހަފްތާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ގޮތެއް ކަނޑައަޅާނެ އެވެ.

މިނިމަމް ވޭޖާއެކު އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މަޝްވަރާކުރަމުން ގެންދާއިރު، މިނިމަމް ވޭޖް ފާސްކުރުމާއެކު މުސާރައަށް އަންނާނެ ބަދަލާއެކު 400 މިލިއަން ރުފިޔާ އާއި 600 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ބަޖެޓަށް ޑައިރެކްޓް އިމްޕެކްޓެއް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މި ބަދަލުތަށް އައުމާއެކު، ބަޖެޓުގެ ތެރެއިން ޖާގަހަދައި އެހެނިހެން ހަރަދުތައް ކުޑަކުރަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.