ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ފެތުރި އޮންލައިން ނޫހަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެކަމަނާގެ ވަކީލުން ބުނެފި އެވެ.

އިނގިރޭސިބަހުން ޚަބަރުތައް ޝާއިއުކުރާ މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެކަމަނާ ތަމްސީލް ކުރާ ލޯ ފާމް، ލިޓިޖަންޓްސް އިން ދިނީ މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ގާއިމުކުރާ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ބުނެ ފަތުރާފައިވާ ސާބިތުނުހިފޭ، ހަމަނުޖެހޭ، ދޮގު ވާހަކަތަކާ ގުޅިގެން ކަމަށް ބުނެ އެވެ.

އެ ލޯ ފާމުން ބުނީ ފަޒްނާގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި އެ ކުންފުނީގައި އެ ކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ހާއްސަކޮށް މިހާރު މިނިސްޓްރީ އޮފް ޓްރޭޑްގައިގެ އޮންލައިން ޕޯޓަލްއިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ ނަމާއި ހިއްސާދާރުންގެ މައުލޫމާތު ފެންނަން އެބަހުއްޓެވެ. އަދި ސްރީލަންކާގައި ވެސް އެފަދައިން ހޯދެން ހުރިއިރު އެމްއެންއެންގެ އެޑިޓަރު އެފަދަ އެއްވެސް ތަހުގީގެއް ނުކުރައްވައި ހިތު ލަފަޔަށް އެއްޗެހި ލިޔުމުން ފާޅުވަނީ އެޑިޓަރުގެ ފެންވަރާއި އެޑިޓަރުގެ ނޫހުގެ ފެންވަރެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ފަޒްނާގެ ކޮންމެ ވެސް ފައިސާއެއް، މޮރިޝަސްއަށް ބަދަލުކުރި ވާހަކައެއް އެނޫހުން ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް މޮރިޝަސްގައި ހިންގަނީ ކޮން ވިޔަފާރިއެއްކަމެއް، އަދި ފައިސާ ހުރިނަމަ އެ ހުރީ ކޮން ބޭންކެއްގައި ކަމެއް، އަދި އެންމެ ކުޑަމިނުން މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއްވިޔަސް ގެނެސްދީފައި ނެތްކަން ފާހަގަކުރާ ކަމަށެވެ އަދި އެ ހުރިހާ އިލްޒާމަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 310 ވަނަ މާއްދާ ކަމަށްވާ ސައްހަ ލިޔުމަށް ބަދަލުގެނައުމާއި އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށެއް ކަމަށް ބުނެފައިވެ އެވެ. އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީ ވެސް ކުށެއް ކަމަށާއި އަދި 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ ޢަމަލުތައް ހިންގުމަކީ ވެސް ކުށެއް ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.

"ވީމާ، މިކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު، މި ފާރމްގެ ފަރާތުން ކުރިއަށް ގެންދާނެކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައި ބުނެފައި ވެ އެވެ.