ށ. ނޫމަރާގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަކާއި އެރަށުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ނޫމަރާ ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމާ ހިއްސާކޮށްފި އެވެ.

ނޫމަރާ ކައުންސިލުން މިކަންތައްތައް ހިއްސާކޮށްފައި ވަނީ ރައީސް އޮފީހުގައި ނައިބު ރައީސް ފައިސަލް ނަސީމާއެކު ބޭއްވި ބައްދަލުވުމުގައި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލުގެ މެމްބަރުން ވަނީ ނޫމަރާއަކީ އާބާދީގެ ގޮތުން ވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ހާމަކުރައްވާ، ކައުންސިލަރުން ވަނީ މި ސަރުކާރުން އެރަށުގެ ތަރައްގީއަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ސަރުކާރަށް ޝުކުރުއަދާ ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ އެކިއެކި ކަންކަމާއި ގުޅޭގޮތުން ނައިބު ރައީސާ މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ރަށުގެ ބަނދަރުގެ މަރާމާތުގެ މަސައްކަތާއި، ފަރަށް އަރާފައިވާ ބާޖު ފުން ނުކުރެވި އެކަމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ އިތުރަށް ބޮޑުވުމާއި، ކައުންސިލް އިދާރާއަށް އައު އޮފީހެއް ބޭނުންވުމާއި، ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ދަނޑެއްގެ މުހިއްމުކަން ބޮޑުވެފައިވުމާއި، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން ރަށު ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަމުގެ މަޢުލޫމާތުވެސް ކައުންސިލް މެންބަރުން ވަނީ ނައިބު ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ.

ނައިބު ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް މިހާރު ލިބިދީފައިވާ ކަމަށާއި އެގޮތުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި، ރަށުގެ އާންމު ހާލަތު އޮޅުންފިލުވައި، ރަށުގެ ޒުވާނުން މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކާ ދުރުކުރުމަށް ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.