މިނިވަންކަމުގެ ދިފާއުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 4 ގައި ޕީޕީއެމް އޮފީހުގެ ދޮރުމަތިންނެވެ. އަދި މި ހިނގާލުމުގައި އެކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުންނާއި، މެމްބަރުންގެ އިތުރުން ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނަށް ވެސް ދައުވަތު އަރުވާފައިވެ އެވެ.

މިގޮތުން މި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް މިސަރުކާރުން ކުރަމުންދާ ކަންކަމާއި ދެކޮޅަށް ބާއްވާ ހިނގާލުމެއް ކަމަށް އެ ޕާޓީން ބުނެ އެވެ. ރާއްޖޭގެ ވެރިކަމާ ހަވާލުވި ފަހުން މި ސަރުކާރުން ވަނީ މިނިވަންކަން ކޮމްޕްރޮމައިޒް ކުރާ އެތައް ކަމެއް ކުރަމުންކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ވަނީ މިކަން ކަމުން ސަލާމަތްވުމަށް ދިވެހި ރައްޔިތުން ނިކުތުމަށް ގޮވާލާފަ އެވެ.

މި ހިނގާލުމާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ ދިވެހި ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ މަސައްކަތްތައް އަނެއްކާ ވެސް ކުރަމުން ގެންދާކަން ފާހަގަކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިއީ އަނެއްކާ ވެސް ދިވެހިންގެ މިނިވަންކަން ނިގުޅައިލެވޭނެ ފަދަ ކަމެއްކަން ފާހަގަކުރައްވައި ޝިޔާމް ވަނީ މިނިވަންކަމުގެ ދިފާއުގައި ނިކުތުމަށް ދިވެހިން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މިނިވަން ޖައްވަކަށް ނޭވާ ނުލެވޭ ހިސާބަކަށް މިވެރިކަން އައިފަހުން ވަނީ ކަންކަން ގޮސްފަ. މިއަދު އަނެއްކާވެސް މިފެންނަނީ ދިވެހި ރައްޔިތުންގެ މައި ދޮރޯށި ހޯދުމަށް ދިވެހިން ކުރި މަސައްކަތް އަލުން ކުރަންޖެހިފައިވާ ތަން. މިއަދު އަނެއްކާވެސް ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ މަސައްކަތް ކުރާކަމުގެ އަޑުތައް އިވެމުންދަނީ. މިސަބަބުތަކަށްޓަކައި ދިވެހިން ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ނިކުންނަންވީ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، މި ހިނގާލުމަކީ ފުލުހުންނާއި، އަދި ގުޅުންހުރި ހުރިހައި އިދާރާތަކުން ނަގަންޖެހޭ ހުއްދަތަށް ނެގުމަށްފަހުގައި އެ ކޯލިޝަނުން ބައްވާ ސުލްހަވެރިކަމުގެ ހިނގާލުމެއް ކަމަށެވެ. އަދި މި ހިނގާލުމުގައި ބައިވެރިވުމަށް އެކޯލިޝަނުގެ ގިނަ މެންބަރުން ވަނީ ގޮވާލާފަ އެވެ.