ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ހަރަދުތައް ކުރުމަށްޓަކައި 12 މިލިޔަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދެއްވުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް މިއަހަރު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މަޖިލިސް ރައީސްއަށާއި، އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖެހެއްހެން، އެ ދެ ބޭފުންނުނަށް ސަރުކާރުން ވަނީ ވަގުތީ ގެކޮޅު މިހާރު ވަނީ ހަމަޖައްސަވާފަ އެވެ.

މަޖިލީހުގެ ރައީސްގެ ގެކޮޅު އަޅަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެ އެވެ. ދާއިމީ ގެކޮޅެއް އިމާރާތް ކުރެވެންދެން އެމަނިކުފާނު ދިރިއުޅުއްވަން ވަގުތީ ގެކޮޅުގެ ގޮތުގައި މުރައިދޫގެ އަންނަނީ މަރާމާތުކުރަމުންނެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަޅަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ. ދާއިމީ ގެކޮޅެއް އިމާރާތްކުރެވެންދެން އެމަނިކުފާނު ވަގުތީގޮތުން ދިރިއުޅުއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ރެހެންދި ފްލެޓުގަ އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިއަދު މަޖިލީހަށް ހުށަހެޅުނުއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ބިއުރޯ ހިދުމަތްތަކަށް، 1،293،136 ރުފިޔާ، ކޯޕަރޭޓް ހިދުމަތްތައް 3،210،812 ރުފިޔާގެ އިތުރުން، ހައުސްހޯލްޑް ހިދުމަތްތައް 2،357،668 ރުފިޔާ އެވެ.

އަންނަ އަހަރަށް އުއްތަމަ ފަނޑިޔަރުގެ ގެކޮޅަށް 5.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި ޚަރަދު ތަކުގެ ތެރޭގައި ހިމެނެނީ ބިއުރޯ ހިދުމަތްތަކަށް، 280،000 ރުފިޔާ، ކޯޕަރޭޓް ހިދުމަތްތައް 3،799،003 ރުފިޔާގެ އިތުރުން، ހައުސްހޯލްޑް ހިދުމަތްތައް 1،315،830 ރުފިޔާ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ.

އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ. މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް ގާނޫނުގައިވެ އެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ ބެޖެޓްގައި ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް

ދައުލަތުންދޭ އިނާޔަތް ދިނުމަށްޓަކައި ބަޖެޓުގައި 3.3 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.