ގަލޮޅު މަދްރަސާގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް އިހުމާލުވި މީހުންނަށް ފިޔަވަޅުއެޅުމަށް މަޖިލީހަށް ގޮވާލައިފި އެވެ.
މިމައްސަލައާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގުމަށް ބުނެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އެވެ.
މިގޮތުން ގަލޮޅު މަދަރުސާގައި ކިޔަވަމުންދާ 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، މި މައްސަލަ ދިމާވުމުންވެސް ސްކޫލުން ކަންތައް ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ޝިޔާމް ހުށަހެޅި މި މައްސަލައިގައި ބުނެފައިވެ އެވެ.
ޝިޔާމް ވަނީ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަން ކަށަވަރުވާންޖެހޭ ތަނެއްކަން ފާހަގަކޮށް، މިކަމުގެ ޒިންމާ ސްކޫލުން ނަގަންޖެހުނު ނަމަވެސް، އެ ދަރިވަރު ހަވާލުވެގެން ހުރި ޓީޗަރަށް ވެސް ދަރިވަރު ހަވާލުކުރެވުނީ ކާކާކަން، ނޭނގި، ހާދިސާ ހިނގައިދިޔަގޮތް ބެލޭނެ ވަސީލަތްތަކެއްވެސް ނެތްކަމާއި، ހާދިސާ ހިނގައިދިޔުމުން މައްސަލަ އޮއްބާލަން މަސައްކަތްކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކުރި ކަމެއްކަމަށެވެ.
އެގޮތުން މިފަދަ މައްސަލަތަކުގައި މެޑިކަލް ރިޕޯޓު އަވަހަށް ހެއްދޭނެ ނިޒާމެއް އެކުލަވައިލުމަކީ މުހިންމުކަމެއް ކަމުގައި ޝިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މައްސަލަ އާންމުވެފައިވަނީ މީޑިޔާތަކުން އެކަން އާންމުކޮށް ރިޕޯޓުތައް ގެނެސްދިނުމުން ކަމަށާއި، އެތަށް ސަތޭކަ ދަރިވަރުން ކިޔެވުމަށްދާ ސްލަކުން މިފަދަ އަމަލެއް ފެނި، އެއަށް އެކަށީގެންވާ ފިޔަވަޅުނޭޅުމަކީ ސްކޫލްތަކަށް ބެލެނިވެރިންގެ ހިތުގައި އޮތް ޔަގީންކަން ކުޑަވެ މުސްތަގްބަލުގެ ޖީލުތަކަށް މިކަމުގެ ސަބަބުން ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ޝިޔާމް ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައާއި ގުޅޭގޮތުން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މަސައްކަތު ދައްތަމެން ވަޒީފާގެ މަސްއޫލިއްޔަތުތަކުން މިހާރު ދުރުކޮށްފައިވާ ކަމަށެވެ. އަދި ކިޔަވާ ކުދިން ފާހާނައަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށް ސްކޫލުން ވަނީ ބުނެފަ އެވެ.
ކުޑަ ކުއްޖަކަށް ސްކޫލުގެ އަންހެން މަސައްކަތު މީހެއްގެ ފަރާތުން ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވެފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން ސްކޫލުގައި މަސައްކަތް ކުރާ މަސައްކަތު އަންހެނަކަށް ތުހުމަތުކުރާއިރު، އޭނާއަށް ފިޔަވަޅު އެޅުމުގެ ބަދަލުުގައި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް އޮއްބާލަން އުޅުނު ކަމަށް އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ބުނެ އެވެ.