ކޮވިޑާ ގުޅިގެން އިސްސަފުގައި ހަރަކާތްތެރިވާ މީހުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 19.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ އެއް ވަނަ ދުވަހާ ހަމައަށް 13،105 މީހަކަށް އެލަވެންސް ދީފައިވެ އެވެ. އަދި ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހާ ހަމައަށް 13،052 މީހަކަށް ފްރަންޓް ލައިންސް އެލަވަންސްގެ ގޮތުގައި 177 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ފްރޮންޓްލައިން އެލަވަންސް ދިނުމަށް ނިންމީ ފްރޮންޓްލައިން ސްޓާފުން ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ބަލި މީހުންނާ ދިމާވެ، ފަރުވާކޮށް ބައްޔަށް ރިސްކު ބޮޑު މީހުންނަށް ދުވާލަކަށް 500 ރުފިޔާ ދިނުމަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވެ އެވެ.

ހައި ރިސްކު މީހުންނާ ދިމާވާ ދެވަނަ ގިންތީގެ މުއައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ ދޭއިރު، އެޗްއީއޯސީގައި އެހެނިހެން މަސައްކަތް ކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ދެ އެވެ.

ކޮވިޑާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހު އެވެ.