ގަލޮޅު މަދަރުސާގައި ކިޔަވަމުންދާ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނި އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށްވެ އެވެ.
މިއަންހެން މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އެވެ. މީގެ އުތުރުން މިހާރު އެ ސްކޫލުގެ މަސައްކަތު ހުރިހާ އަންހެނުން ތިބީ ސަސްޕެންޑްކޮށްފަ އެވެ.
މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުންގެ ބަޔާން ނެގި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ބަޔާން ނެގި މީހުންގެ ތެރޭގައި ސްކޫލުގެ އިސްވެރިން ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލާފައި ވަނީ އެމީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ލަފާ ދީފައި ވާތީ ކަމަށެވެ. އެމީހާ ބަންދުން ދޫކޮށްލި ނަމަވެސް މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.
މިމައްސަލަ ހިނގާ ދިއުމުން ސްކޫލުން މިކަން އޮއްބާލަން މަސައްކަތްކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެގޮތުން އެކުއްޖާ ފާހާނާއަށް ގެންދިއުމަށް ހަވާލުކުރީ ކާކާކަން ކްލާހުގެ ޓީޗަރަށް ނޭނގޭ ކަމަށްވެސް އާއިލާއިން ބުނެ އެވެ. އަދި މިކަމާގުޅިގެން ސްކޫލުން ކަންކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަ ކޮށް ކަމަށާއި މިކަން ސަމާލުކަމަށް ގެނެސް މައްސަލަ ތަހްގީގު ކުރަން ފެށީ ނޫސްތަކުގައި މިވާހަކަ ލިޔުމުންނެވެ.
ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.