ފަރުކޮޅުފުށީގެ ގޮނޑުދޮށުގައި އާދަޔާ ހިލާފަށް ކުނި ގިނަވެ، ސަރަހައްދު ހަޑިވެފައި އޮންނާތީ އާއްމުން ފާޑުކިޔަން ފެށުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާފުކޮށްފި އެވެ.

އެޗްޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނީގެ ސާފުކުރާ ޓީމުން ވަނީ މިއަދު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ފަރުކޮޅުފުށީގެ ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތުގެ ދަށުން އެ ސަރަހައްދުގެ މޫދާއި އެއްގަމަށް އަޅާފައިވާ ގިނަ ކުނިތަކެއް ނަގައި އެއްކޮށް ސާފުކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ވަނީ އެކޯޕޮރޭޝަނުން މި މަސައްކަތުގައި ހަރަކާތްތެރިވެފައިވާ ޓީމަކީ ބުރަކޮށް މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި ކުނި ނާޅާ ސާފު ވެއްޓެއް ދެމެހެއްޓުމަށް އެ ޓީމުން މަސައްކަތްކުރާ ކަމަށް ވެސް އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އެޗްޑީސީން މިކަން ކޮށްފައިވަނީ ފަރުކޮޅުފުށީގައި ގިނަ އަދަދެއްގެ ޕްލާސްޓިކާއި އެހެނިހެން ކުނީގެ ބާވަތްތައް އެއްވެ ފުނިޖެހިފައިވާ މައްސަލަ ހައްލު ނުކުރުމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ. އަދި އެޗްޑީސީން އެތަން ސާފުކޮށްފައިވާ ކަމަށް ބުނިއިރު، އެ ކުންފުނިން އެކަން ކުރީ ބަޔަކު އަމިއްލައަށް އިސް ނަގައިގެން އެތަން ސާފުކުރުމުގެ މަސައްކަތް ކުރިޔަށްދަނިކޮށެވެ.

އޭގެ އިތުރުން ފަރުކޮޅުފުށީގައި އޮންނަ ޖެޓީ އެއްކޮށްހެން ވީރާނާވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެކަމަށް ވެސް އެއްވެސް ހައްލެއް ލިބިފައި ނުވާކަން ފާހަގަކޮށް އާންމުން ވަނީ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަރުކޮޅުފުށީގައި ވީރާނާވެފައި އޮތް ޖެޓީ

ފަރުކޮޅުފުއްޓަކީ ނިމިދިޔަ ސަރުކާރުގައި ހައުސިންގް މިނިސްޓްރީން ހުޅުމާލެ ދެ ވަނަ ފޭސްގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. އެސަރަހައްދުގައި އެއްވެފައިވާ ކުނިތައް ސާފުކުރުމުގައި އެޗްޑީސީން ހަރަކާތްވެފައިވާއިރު، އޭގެތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ޕްލާސްޓިކް ކުންޏެވެ.