މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި ތިން މީހުން ހައްޔަތުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންކުރާ މަސައްކަތުގެ ދަށުން ޑްރަގް އެންފޯސްމަންޓުން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އަދި މި އެޕަރޭޝަންގެ ދަށުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި، ބަންގަލަދޭޝަށް ނިސްބަތްވާ 51 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލެއާއި ހުޅުމާލާގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އޮޕަރޭޝަން ހިންގީ މި މަހުގެ އެއްވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި ދިވެއްސަކީ މާލޭން ޓެކްސީީއެއް ހުއްޓުވައި ބަލައި ފާސްކުރުމުގައި ބަނގުރާ ފުޅިއެއް ފެނުމާ ގުޅިގެން ހައްޔަރުކުރި މީހެކެވެ. އަދި ބަންގްލަދޭޝަށް ނިސްބަތްވާ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން ހުއްޓުވި ސައިކަލެއް ބަލައި ފާސްކުރުމުގައި އެ ދެމީހުންގެ އަތުން 22 ބަނގުރާ ފުޅިއެއް ފެނުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ގޮތެއް ނިންމުމަށް އެ މީހުން ކޯޓަށް ހާޒިރުކުރުމުން 27 އަހަރުގެ މީހާއަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި ހައްޔަރުކުރި ބިދޭސީންނަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހުން ހައްޔަރު ކުރުމުގެ ބޭނުމެއް ނެތް. ސާބިތެއް ނުވާނެ.