ހއ. ތުރާކުނުގައި މިއަދު މަރުވި 92 އަހަރުގެ މީހާއާ އެކު، ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 253 އަށް އަރައިފަ އެވެ. މިއީ 1978 ރާއްޖެ އަށް ކުރިމަތިވި ބޮޑެތި ބަލިމަޑުކަމުގެ ތެރެއިން، ކޮލެރާ ޖެހިގެން މަރުވި މީހުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ރާއްޖެ އަށް ކުރިމަތިވި ބޭރަށް ހިންގުމުގެ އެ ބޮޑު ރޯގާއެއް ކަމަށްވާ ކޮލެރާ ފެތުރުނީ 1978 ވަނަ އަހަރު އެވެ. އެ ބަލީގައި މުޅި ރާއްޖެއިން 252 މީހުން މަރުވި އެވެ.

ތާރީހުން އެނގޭ ގޮތުގައި ކޮލެރާގައި ރާއްޖެއިން އެންމެ ފުރަތަމަ މަރުވީ ލ. މާމެންދޫގައި ދިރިއުޅެމުން އައި އެ އަތޮޅު ފޮނަދޫ މީހެކެވެ. މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް، އެ މީހާ ހޮޑުލައި ބޭރަށް ހިންގި އެވެ. ދޯނި ރަށަށް ދިޔައިރު އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. އެހެންކަމުން ރަށު މީހުން ނިންމީ އާއިލާ ކައިރިއަށް ފޮނަދު އަށް ގެންދާށެވެ. އެކަމަކު އެ ނަސީބު އޭނާ އަށް ނުލިބި، ކަނޑުމަތީގައި މަރުވީ އެވެ.

އެ ބަލި ކޮންޓްރޯލް ކުރެވުނުއިރު، މުޅި ރާއްޖެއިން 11،303 މީހަކަށް ބަލި ޖެހިފައިވެ އެވެ. އޭރު ރާއްޖޭގެ އާބާދީއަކީ 148،780 އެވެ.

ކޮލެރާ ޖެހިގެން އެންމެ ގިނަ މީހުން މަރުވީ ތ. އަތޮޅުންނެވެ. އެގޮތުން 1،592 މީހަކަށް އެ ބަލި ޖެހި، 78 މީހަކު އެ އަތޮޅުން ވަނީ މަރުވެފަ އެވެ. އެ ބަލީގައި މާލެއިން 3،235 މީހަކަށް ޖެހުނު ނަމަވެސް މަރުވީ އެންމެ ހަތް މީހެކެވެ.

މީގެ އިތުރުން ބޭރަށް ހިންގުމުގެ ރޯގާއެއް ކަމަށްވާ ޝިގެއްލާ 1982 ވަނަ އަހަރު ފެތުރިގެން ވެސް މުޅި ރާއްޖެއިން 197 މީހުން މަރުވެފައިވެ އެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ 2019 ވަނަ އަހަރު ޑިސެމްބަރު ފުރަތަމަ ފެނުނު ކޮވިޑް، މިހާރު މުޅި ރާއްޖެ އަށް ވެސް ފެތުރިފައި އޮތް އިރު، މި ބަލީގައި އެންމެ ގިނަ މީހުން މަރުވީ މިއަހަރުގެ މައި މަހު އެވެ. އެއީ 88 މީހެކެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މިއަހަރުގެ މެއި، ޖޫން އަދި ޖުލައި މަހު ވަރަށް މަތީގައި ހުރުމަށް ފަހު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.