ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެ އެވެ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާހޯދަމުން ގެންދަނިކޮށް މިއަދު ނިޔާވީ އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވީ މިއަދު ހެނދުނު 6:29 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ ކޮވިޑަށް ފަރުވާދެމުން ގެންދަނިކޮށް މިމަހު މަރުވި ހަތަރުވަނަ މީހާ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން މަރުވެފައި ވަނީ ހއ. ތަރާކުނުގެ އުމުރުން 92 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 254 އަށް އަރާފަ އެވެ. ރާއްޖެއިން މިހާތަނަށް 92،095 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 90،103 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އަދި 19 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.