މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންއަކީ ނ. މާޅެންދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މަހު 2 ވަނަ ދުވަހު މަނަދޫ ޕޮލިސް ސްޓޭޝަނާއި، ލަންދޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 22 ކަރުދާސްކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ސ. ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށު ޕޮލިސް ސްޓޭޝަނުން މި މަހު ތިން ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގިކަން ފާހަގަކޮށް ފުލުހުން ބުނީ އެ މައްސަލައިގައި 55 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އޭގެ އިތުރުން މި މަހު 1 ވަނަ ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން، ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެމައްސަލާގައި 54 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ވަނީ ކޯތުން އަމުރުކޮށްފައިވެ އެވެ.