ނަބީކަަމަށް ދައުވާކުރާ މީހެއްގެ ފޮތެއް ރާއްޖޭގައި ފިހާރައެއްގައި ވިއްކާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅީ މަދަނީ ޖަމިއްޔާތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުންނެވެ.

މިގޮތުން އެކި ދީންތައް މަސްހުނިކޮށްގެން އައު ދީނެއް އުފައްދަން އުޅޭ މީހެއްގެ ފޮތެއް ރާއްޖޭގައި ވިއްކާ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

މި ފޮތް ލިޔުނު މީހާ ވަނީ އިސްލާމް ދީނާއި، ނަޞާރާ ދީނުގެ އިތުރުން ސޫފީ ދީނާއި ޔަހޫދީ ދީން މަސްހުނިކޮށްގެން އަމިއްލައަށް ނަބީކަމަށް ދައުވާކޮށް ފޮތެއް އެކުލަވާލާފަ އެވެ. އަދި މި މައްސަލަ މިހާރު މީސްމީޑިޔާގައި އާންމުވެފައިވާއިރު، މިކަމާއި ގުޅޭގޮތުން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

މިއީ ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ހިލާފުވާ މައްސަލައަކަށްވާއިރު، ދިވެހި ރާއްޖޭގެ ގާނޫނުގައި ބުނާގޮތުން ދިވެއްސަކު ކަމުގައިވީނަމަވެސް ދީން ބަޔާންކޮށްދީ ހަދަންޖެހޭނީ އިސްލާމީ އަގީދާއަށް ފުށުނާރާ ގޮތަށްށެވެ. އަދި މިއީ ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރުވަނަ މާއްދާއާ ވެސް ހިލާފުވާ ކުށެކެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، މިފަދަ ފޮތްތައް ރާއްޖޭގައި ވިއްކުމާއި އިސްލާމް ދީނާއި ހިލާފު އަމަލުތައް ހިންގުމަކީ ރާއްޖޭގައި ކުރުން މަނާކަމެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އިސްލާމްދީނާއި ހިލާފު އަމަލުތައް ރާއްޖޭގައި އާންމުވަމުންދާއިރު، ދިވެހިންގެ ބަޔަކުވެސް ރާއްޖޭގައި އެކި ދީންތައް ފެތުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. ފުލުހުން ދަނީ މި މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންނެވެ.