ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

އެމައްސަލައާއި ގުޅިގެން މިއަދު ފުލުހުން ބުނެފައިވަނީ މާލެ ސަރަހައްދުގައި ސިފައިންގެ މީހަކަށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 18 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއްގެ އިތުރުން، އުމުރުން 29 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ވިލިމާލޭގެ ގެސްޓް ހައުސްއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ އާންމުކޮށް މީހުން ރަހީނުކޮށް ފައިސާ ފޭރޭ ގުރޫޕަކުންނެވެ. އަދި ސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ މިލިމާލެ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.