މިދިޔަ އޮކްޓޯބަރު މަހު ފުލުހުން ހިންގި ޑްރަގް އޮޕްރޭޝަނުގެ ތެރެއިން އަތުލައިގަތް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ހުރިހާ ދިވެހިން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ 10 މީހުންނެވެ. އަދި އެ މީހުންނަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ ކަމުގައި އެންމެ އިސްކޮށް ތިބި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރި ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އެހެންކަމުން އެންމެ ފުރަތަމަ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ އޭގެ ތެރެެއިން އަށް މީހެއްގެ އެވެ. އޭގެފަހުން އިތުރު ތިންމީހަކު ދޫކޮށްލުމަށްފަހު އިއްޔެއާ ހަމައަށް ބަންދުގައި ތިބީ ފަސް މީހުންނެވެ.

ސަފާރީގައި ދިގު ދަތުރެއް ކުރުމަށްފަހު މަސްތުވާތަކެތި ހިފައިގެން ފަޅުރަށެއް ކަމުގައިވާ އދ. ބޮޑުކާށިހުރާއަށް ދިޔަކަމުގެ ތުހުމަތުކޮށް، ތިން ދިވެހީންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައިވަނިކޮށް ބަންދުގެ މުއްދަތު އިތުރުނުކޮށް ކްރިމިނަލް ކޯޓުން ވަނީ އެމީހުން ދޫކޮށްލުމަށް އިއްޔެ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަންދުގައި ތިބި ތިން ދިވެހިންނާއި އެ މަސްތުވާތަކެއްޗާ ގުޅާލެވޭނެ އެކަށީގެންވާ ހެކި ހުރިކަމަށް ނުފެންނަކަމަށް ބަޔާންކޮށްފައިވެ އެވެ. އެ ތިން ދިވެހީންނަކީ ނ. ވެލިދޫ ބީޗްހެވަން، ޖުމާން މުސްތަފާ އާއި، ދ. ބަނޑިދޫ ޕޮލައިސް، މުހައްމަދު ހުސައިންގެ އިތުރުން، ލ. ކަލައިދޫ ޖަނަވަރީމާގޭ، މުހައްމަދު އަހުމަދެވެ. މިތިން މީހުން ދޫކޮށްލުމުން މިހާރު ބަންދުގައި ތިބީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އެމްޑީ ރަފީގުލް އިސްލާމްއާއި، ޑީއެމް މޮބިންއެވެ. އެދެމީހުންގެ ބަނދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.