އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރަން ނިންމައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން ދިރާސާކުރަން އެ ކޮމިޓީއަށް ފޮނުވައިވާފަ އެވެ.

އެ މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ބަހުސްކުރެއްވީ ދެ ކަމަކަށެވެ. އެއީ ޕަފޯމަންސް އޮޑިޓުން އޭސީސީގެ މެންބަރުންނަށް ގާނޫނުގައި ބުނާ މިންވަރަށް އަދި ކޮމިޓީގައި އެ ކޮމިޝަނުގެ މެންބަރުން އެއްބަސްވެފައިވާ މިންވަރަށް ޕަފޯމަންސް ދެއްކިފައި ނުވާތީ އިތުރު ފުރުސަތެއް ނުދީ މެންބަރުކަމުން ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް އެ ނިންމުން ފޮނުވުމެވެ.

ނަމަވެސް ކޮމިޓީގެ ގިނަ މެންބަރުން ބުރަވީ އޭސީސީގައި މިވަގުތު ތިއްބެވި މެންބަރުންނަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަށްފަހު ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވުމަށެވެ. އެއީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަހުމީ ހަސަން ޖަވާބުދާރީވާން ފުރުސަތު ނުދީ ކޮމިޝަނުން ވަކިކުުރުމަށް ނިންމުމުން ސްޕްރީމް ކޯޓުން ވަނީ ބާތިލުކޮށް ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށް އަންގާފަ އެވެ.

އެހެންކަމުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅި ގޮތަށް ކޮމިޓީގެ ފަސް މެންބަރުންގެ ތާއީދާއެކު ނިންމީ އޭސީސީގެ މިހާރުގެ ތިއްބެވި މެންބަރުންނަށް ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

މިކަމާ ގުޅޭގޮތުން ކޮމިޓީގެ ގިނަ މެންބަރުންގެ ވިސްނުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ހުރިނަމަވެސް މަޖިލީހުގެ މެމްބަރުން ވިދާޅުވީ، ކޮމިޝަނުގެ މެމްބަރުން ދުވަހަށް މައްސަަލަތައް ނިންމިފައިނުވާތީ، ކޮމިޓީއަށް ހާޒިރުކޮށްގެން ދެން އިތުރަށް މައްސަލަ ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މިއީ ޕާފޯމަންސް އޮޑިޓަކާއި ގުޅިގެން މިނިވަން މުއައްސަސާއެއްގެ ހުރިހާ މެންބަރުން ވަކިކުރަން ނިންމި ފުރަތަމަ ފަހަރުކަމަށްވުމުން މިކަން ކުރަންވާނީ ކުރިއަށް އޮތްތަނުގައި މިފަދަ ގޮތަކަށް މެންބަރުން ވަކިކުރާނަމަ އެކަންކުރަންވާނެ އެންމެހާ ރަނގަޅު އުސޫލުތަކުގެ މަތިންކަން މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޖަވާބުދާރީވުމަށް އޭސީސީގެ މެންބަރުންނަށް ފޮނުވާ ސިޓީގައި ކުރިން އޭސީސީގެ މެންބަރުން ކޮމިޓީއަށް ދެއްވާފައިވާ ޖަވާބާއި އެކަންކަން ނުކުރެވިހުރިކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށް އެކޮމިޝަނުގެ ހިމެނޭ އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފް ވަނީ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވާފަ އެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާތިމަތު އަނޫލާގެ އިތުރުން މެންބަރު އައިޝަތު އަބްދުﷲ އެވެ. މިވަގުތު ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ހުންނެވީ ޗުއްޓީގަ އެވެ.