އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިނިސްޓަރު ޝާހިދު ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރުމުގެ ގޮތުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގޭގައި އައިސޮލޭޓް ވެފައިވާ ކަމަށާއި ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ.
މިނިސްޓަރު ޝާހިދު ކޮވިޑަށް ޕޮޒިޓިވްވިއިރު ހުންނެވީ ވެކްސިންގެ ދެ ޑޯޒު ޖައްސަވައިގެންނެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެ، އެމަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޝާހިދު ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ ނިއުޔޯކުގަ އެވެ. އެމަނިކުފާނު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު އެވެ.
ޝާހިދު ރާއްޖެ އިން ބޭރުގައި ހުންނެވި ނަމަވެސް އެ މިނިސްޓްރީ ހިންގުން އެހެން ފަރާތަކާ ހަވާލުކޮށްފައެއް ނުވެ އެވެ.
ޝާހިދުއަށް ދެ މަގާމެއްގައި ނުފުރުވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ޝާހިދު އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.