ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި މިނިސްޓަ އޮފް ފޮރިން އެފެއާޒް ވަޑައިގަންނަވާތީ، މާދަމާ މާލޭގެ ބައެއް މަގުތައް އެކި ވަގުތުތަކުގައި ބަންދުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ފުލުހުން ބުނީ މި މަގުތައް ބަންދުކުރަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި މިނިސްޓަ އޮފް ފޮރިން އެފެއާޒް، ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލޭގައި ކުރިއަށްދާ ހަރަކާތްތަކާ ގުޅިގެން ކަމަށެވެ. އެގޮތުން މާދަމާގެ 12:00 އިން ފެށިގެން، އެ ސަރަހައްދުތައް އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ވަނީ އެ އިދާރާއިން އާންމުކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ޒޯންތަކުގައި ހުރި އުޅަނދުތައް މިއަދު 20:00 ގެ ކުރިން ނަގައި، ޒޯންތައް ހުސްކުރުމަށް އެދިފަ އެވެ.

ޗާޓުގައި ހުރި ފަޅުގެ ސަރަހައްދު ވެސް ބަންދުކޮށް އުޅަނދުތައް ހުސްކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެ ސަރަހައްދުގައި ހުރި އާންމު ހުރިހާ އުޅަނދުތައް ވެސް މިމަހު 8 ވަނަ ދުވަހުގެ 06:00 ގެ ކުރިން ނަގައި އެ ސަރަހައްދު ހުސްކުރުމަށް އެދޭ ކަމަށެވެ.

ފުލުހުން ބުނީ މި މަސައްކަތުގައި އާންމުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ވަރަށް ބޮޑު އެދުމެއްކަމުގަ އެވެ.