ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ރޭ ކުޅުނު މެޗުގައި ސެނެގާލް އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި 3-2 އިން އެ ޓީމުގެ މައްޗަށް ކުރި ހޯދައި ބެލްޖިއަމް މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.

އެމެރިކާގައި ރޭ ކުޅުނު މެޗުގެ 24 ވަނަ މިނިޓުގައި ސެނެގާލް އިން ލީޑު ނެގީ ހަބީބް ޑިއާރާ ޖެހި ލަނޑުންނެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ސެނެގާލްގެ އިސްމައިލާ ސާ ވަނީ ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ ފަހު 10 މިނިޓަށް އެޅިއިރު ވެސް، ސެނެގާލް އޮތީ ދެ ލަނޑުގެ ލީޑަކާއެކު އެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ އޮތް ފަސް މިނިޓުގެ ތެރޭގައި، ބެލްޖިއަމް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ 86 ވަނަ މިނިޓުގައި ބެލްޖިއަމްގެ ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ތަޖުރިބާކާރު ފޯވަޑް ރޮމެއޫ ލުކާކޫ އެވެ. އަދި ތިން މިނިޓު ފަހުން، ބެލްޖިއަމްގެ ކެޕްޓަން ޔޫރީ ޓިއެލްސްމަންސް ޖެހި ލަނޑާއެކު، މެޗުގެ ނަތީޖާ ހަމަހަމަވެ، އިތުރު ވަގުތަށް މެޗު ދިޔަ އެވެ.

މެޗުގެ އިތުރު ވަގުތުގެ 30 މިނިޓު ހަމަވިއިރު ވެސް ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޝޫޓްއައުޓަކަށް މެޗު ދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ބެލްޖިއަމް ކޮޅަށް މެޗު ފުރޮޅުނީ އިތުރު ވަގުތު ނިމެނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ބެލްޖިއަމްގެ ޓިއެލްސްމަންސްއަށް ސެނެގާލްގެ ލަމީން ކަމާރާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ބެލްޖިއަމް ދެވަނަ ބުރަށް ގެންގޮސްދިނީ ޓިއެލްސްމަންސް އެވެ.

މުބާރާތުގެ ގަދަ 16ގެ ބުރުގައި ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނީ މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާ އެވެ.