މަހާޖައްރާފު ބޭނުންކޮށްގެން ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫޢު މި ހަފުތާގެ ހުކުރުދުވަހު ފަށަން ނިންމާފައިވާ ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފި އެވެ.

ކޮމަންޑޫ ކައުންސިލުގެ ރައީސް މުހައްމަދު ސިނާނު ވިދާޅުވެފައިވަނީ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެ ރަށު ކައުންސިލާއި ޕްލޭނިން މިނިސްޓްރީން ރާވާފައިވާ ގޮތުގެ މަތިން އަންނަ ހުކުރު ދުވަހު ފެށުމަށް ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ ޕްރޮޖެކްޓަކީ މިއަހަރަށް ފާސްކުރި ބަޖެޓުގައި ނުހިމެނޭ ޕްރޮޖެކްޓެކެވެ، ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫޢު އަވަހަށް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިއުލާނުކުރެއްވީ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓޫ މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހުކުރަން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅުން ބުނި ކަމަށްވިޔަސް މިކަންކުރައްވާނެ ކަމަށެވެ.