މަޝްހޫރު އާރްއެންޑްބީ ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ ގޭގައި ގެންގުޅޭ އޮޅުޑު ކުއްތާއެއް އޭނާގެ ގޭގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި، ގެއްލުމުގެ ބަދަލެއްގެ ގޮތުން ގާތްގަނޑަކަށް 13 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 200 މިލިއަން ދިވެހި ރުފިޔާ) ދެއްކުމަށް ލޮސް އެންޖެލިސްގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކެލިފޯނިއާގެ ތަރްޒާނާގައި ހުންނަ ކްރިސް ބްރައުންގެ ގޭގަ އެވެ. މި މައްސަލައިގެ ޝަރީއަތް ދެ ހަފްތާއަށް ކުރިއަށް ދިއުމަށްފަހު، ކޯޓުން ވަނީ ކްރިސް ބްރައުން އިހުމާލު ވެފައިވާ ކަމަށް ނިންމާފަ އެވެ.

ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ކްރިސްގެ ގޭގައި ކުނި އަޅަން ބޭރުގައި އުޅުނު މާރިއާ އަވީލާ ނަމަކަށް ކިޔާ ހައުސްކީޕަރަކަށް، އޭނާ ގެންގުޅޭ 200 ޕައުންޑް ބަރުދަން ހުރި "ކައުކޭޝަން ޝެޕަޑް ނަސްލުގެ ބޮޑު ކުއްތާއެއް ވަނީ ކުއްލިއަކަށް ހަމަލާދީފަ އެވެ.

މި ހަމަލާގައި މާރިއާގެ މޫނަށާއި ވައަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، މަސްގަނޑުން ބޮޑެތި ބައިތައް ވަނީ ނެއްޓިފަ އެވެ. އޭނާ ސަލާމަތް ކުރަން ޖެހުނީ ބަނޑުން ހަންގަނޑު ނަގައިގެން އަތަށް ބަދަލުކުރާ "ސްކިން ގްރާފްޓިންގް" ސާޖަރީތަކެއް ހަދައިގެންނެވެ.

މި ހާދިސާއަށްފަހު ނާރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މާރިއާއަށް މިހާރު އަތް ބޭނުން ނުކުރެވޭއިރު، އޭނާއަށް ވަނީ ނަފްސާނީ ބޮޑު ބަލިމަޑުކަމެއް ވެސް ކުރިމަތިވެފަ އެވެ.

ޝަރީއަތުގައި ކްރިސް އަމިއްލައަށް އިއުތިރާފުވި ގޮތުގައި، ކުއްތާ ހަމަލާ ދިނުމުން މާރިއާ ލޭގެ ކޯރެއްގެ ތެރޭގައި އޮއްވާ އޭނާއަށް ފެނުނެވެ. އޭނާގެ ސެކިއުރިޓީ ޓީމުން އެމްބިއުލާންސަށް ގުޅި ނަމަވެސް، އެމްބިއުލާންސް އައުމުގެ ކުރިން ކްރިސް ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

މިކަމާ ބެހޭގޮތުން ކްރިސް ބުނީ، އޭނާގެ މަޝްހޫރުކަމުގެ ސަބަބުން މީޑިއާގެ ބޮޑު "ސާކަސް" އެއް އެތަނަށް އެއްވެ، މައްސަލަ ބޮޑު ވެދާނެތީ، އެކަމުން ދުރުވުމަށްޓަކައި އެތަނުން ދާން އޭނާގެ ގާނޫނީ ޓީމުން ލަފާދިނީ ކަމަށެވެ. އަދި 911 އަށް އަމިއްލައަށް ގުޅައިފިނަމަ އޯޑިއޯ ލީކު ވެދާނެތީ އެކަންވެސް ނުކުރީ ކަމަށް އޭނާ ބުންޏެވެ.

ޖޫރީން ނިންމި ނިންމުމުގައި ކްރިސް ބްރައުން އާއި އޭނާގެ ކުންފުނި ބްލެކް ޕިރަމިޑް އެލްއެލްސީން މާރިއާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 12.9 މިލިއަން ޑޮލަރު ދޭންޖެހެ އެވެ.

މީގެ އިތުރުން، އެ ދުވަހު މާރިއާއާއެކު މަސައްކަތްކުރި އަދި މި ބިރުވެރި މަންޒަރު ލޮލުން ދުށް އޭނާގެ އަންހެން ކޮއްކޮ ޕެޓްރީޝިއާ އަވީލާއަށް ނަފްސާނީ އަސަރުތަކުގެ ބަދަލެއްގެ ގޮތުގައި 885,000 ޑޮލަރު އަދި މާރިއާގެ ފިރިމީހާއަށް 50,000 ޑޮލަރު ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.