ރ. އަތޮޅުގެ ފަޅު ރަށަކުން ބޮމެއް ފެނިގެން ތަހުގީގު ކުރަން ސަލާމަތީ ބާރުތަކުން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަންތަން ގޮއްވާލުމަށް ބޭނުން ކުރާ ކަހަލަ އަތު ބޮމެއް ފެނިފައިވަނީ ރ. އަތޮޅުގެ އެންމެ ހުޅަނގަށް އޮންނަ މާށިގިރި ކިޔާ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ބަޔަކަށް ކަމަށެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ފުލުހުން ބުނީ އެ ބޮން ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.

މިހާރު އެ ބޮން އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށާއި އެއީ އަތު ބޮމެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އަތު ބޮން ފެނުނު ރަށަކީ 2017 ވަނަ އަހަރުން ފެށިގެން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ރަށެކެވެ.

ފަޅު ރަށަކުން ބޮމެއް ފެނިފައިވާއިރު މިދުވަސްވަރު ސަލާމަތީ ބާރުތަކުން އަންނަނީ މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި މާލެ މަގުމަތީ ގައި ސިފައިންނާއި ފުލުހުން އަންނަނީ ފޯރި މަރަމުންނެވެ.