މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ހިރިލަންދޫން އާއި ހއ. ހޯރަފުށިން މަސްތުވާތަކެތި އަތުލައިފި އެވެ.
ފުލުހުން ބުނީ ހިރިލަންދޫން މަސްތުވާތަކެތި ހޯދާފައި ވަނީ، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 10 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އަދި އެ ތަކެތި ހޯދާފައި ވަނީ އެ ރަށު އޫރީދޫ އެންޓެނާ ސަރަހައްދުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އޭގެ އިތުރުން ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު ހޯރަފުށިން ވެސް މީހަކު ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގައި ފުލުހުން މިއަދު ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ހޯރަފުށީގައިި މަސައްކަތްކުރާ ފުލުހުން ރަށު ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ މި ދެ މައްސަލަ ވެސް އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.