ކޮވިޑް ޖެހިގެން ފަރުވާދެމުން ގެންދިޔަ އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެ އެވެ.

މި ބަލީގައި މިއަދު ނިޔާވެފައި ވަނީ 42 އަހަރުގެ އަންހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވި 42 އަހަރުގެ އަންހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ނިޔާވީ ރޭ 3:01 ގައި ކަމަށެވެ.

މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 270 އަށް އަރާފަ އެވެ. އަދި މިއީ މިބަލީގައި މިމަހުގެ މިހާތަނަށް ނިޔާވި 8 ވަނަ މީހާ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓާއެކު ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް 2،349 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 114،977 އަރާފަ އެވެ. އަދި 13،035 މީހަކަށް އަންނަނީ މިބަލީގައި ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 48 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.