މިހާރު ވިސްނުން ހުރީ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި، ކޮވިޑާއެކު ދިރިއުޅުން ކުރިއަށް ގެންދާ ގޮތަށް ކަމަށް އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިއަދު ވިދާޅުވެއްޖެ އެވެ.

އެ އިދާރާ އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް ފެތުރުނު ފުރަތަމަ ދުވަސްވަރު ހަރުކަށި ފިޔަވަޅުތައް އެޅީ އޭރު އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތުތަކެއް ނޭނގޭތީ ކަމަށެވެ.

އެ ބަލި ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހު، އޭޕްރީލް 15، 2020 ގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް، ހަރުކަށި ފިޔަވަޅުތައް އަޅައި ރާއްޖޭގެ ބޯޑަރު ބަންދުކުރި އެވެ. އޭގެ ދެ މަސް ދުވަސް ފަހުން، ލުއިތައް ދޭން ފެށީ ޖޫން 15، 2020 ގަ އެވެ.

އޭގެ ފަހުން، ޑެލްޓާ ވޭރިއެންޓާއެކު ކޭސްތައް އިތުރުވާން ފެށުމުން ވެސް މިދިޔަ އަހަރު ވެސް ކާފިއު އިއުލާންކޮށް، ފިޔަވަޅުތައް ހަރުކަށި ކުރި އެވެ.

މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ "އޮމިކްރޮން" ވޭރިއެންޓާއެކު ރާއްޖޭގެ ކޭސްތައް ވެސް ރިކޯޑު އަދަދަކަށް މި ދުވަސްވަރު އިތުރުވި ނަމަވެސް، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުން ނޫނީ އިތުރު ކަމެއްގައި ފިޔަވަޅެއް ނާޅަ އެވެ. އެހެންވެ، މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވެސް އެކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ނޫސްވެރިން އެޗްޕީއޭ އަށް އަމާޒުކުރި އެވެ.

އެކަމާ ގުޅިގެން ޑރ. އަފްޒަލް ވިދާޅުވީ، ހަރުކަށި ފިޔަވަޅުތަކުގެ ބަދަލުގައި މިހާރު ވިސްނުން ގެންގުޅެނީ ކޮވިޑާއެކު ދިރިއުޅުން ކުރިއަށް ގެންދާށެވެ. ބަލީގެ ކުރީކޮޅު އެޅި ހަރުކަށި ފިޔަވަޅުގެ ސަބަބުން އާއްމުން އުޅުނު ހާލު ހަނދާން ނެތޭހާ ދުވަހެއް އަދި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ހިޔާލުތައް މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް. ކޮންމެ ގޮތެއް ވިޔަސް 3-4 އަހަރަށް ދިގުދެމިގެން ދިޔަސް އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ ހުރިހާ ވަގުތެއްގައި އިމަޖެންސީ ހާލަތެއްގައި،"ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެނގޭ ގޮތުގައި އޮމިކްރޯންގެ ސަބަބުން އެނދުމަތި ކުރެވޭ މިންވަރު ނިސްބަތުން ދަށް ކަމަށް ބޭރުގެ ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ. އެކަމަކު މިހާރު ވެސް އިތުރު ތައްޔާރީ ފިޔަވަޅުތައް އެޗްޕީއޭއިން އަޅަމުން އަންނަ ކަމަށާއި، ތައްޔާރީ ހާލަތަށް ދިއުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ޑެލްޓާ ވޭރިއަންޓާ އަޅާބަލާއިރު މިހާރު އެނދުމަތި ކުރެވޭ މިންވަރު ނިސްބަތުން މަދު ނަމަވެސް، ކޭސްތައް މިހާރު ހުރި މިންވަރުގައި އިތުރުވާ ނަމަ، އެ އަދަދުތައް ވެސް މައްޗަށް ދާނެ ކަމަށެވެ. އެއާއެކު މިހާރު ހުރި ފިޔަވަޅުތަކަށް ބޯލެނބުން ނުހަނު މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮޒިޓިވްވެގެން އެކަހެރިވާއިރު "ރިލީސް ޑޮކިއުމަންޓެއްގެ" ގޮތުގައި ވަކި ލިޔުމެއް ބޭނުން ނުކުރާނެކަން ފާހަގަ ކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، ކޭސްތައް ގިނަ ކަމުގެ ސަބަބުން ނަތީޖާ ނުލިބިވާ ގިނަ ސާމްޕަލްތައް އެބަހުރި ކަމަށެވެ.