މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލީ މިދިޔަ ހޮނިހިރު ދުވަހު ކ. ތިލަފުށީގައި ކުނި ނައްތާލުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ކަމަށެވެ.

އެ ސާވިސްއިން ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރާ ހިމެނޭ ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ހިމެނޭ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި 1059.85 ލީޓަރުގެ ބަނގުރާ ހިމެނޭ ކަމަށާއި، 8،481.93 ލީޓަރުގެ ބިޔަރު ހިމެނޭ ކަމަށް އެ ސާވިސްއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެއްތި ނައްތާލެވިފައި ވަނީ އެ ސާވިސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން، ބޮންޑެޑް ވެއާ ހައުސްގައި ހުރި މުދާ ހަލާކުވެގެން، ނުވަތަ އެނޫން ވެސް އެކި ސަބަބުތަކާ ގުޅިގެން އެ ތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލާއި ގަވާއިދުގެ މަތިން ކަމަށެވެ.

އެކި ސަބަބުތަކާ ގުޅިގެން ކަސްޓަމްސްގައި ހިފަހައްޓާފައިވާ ތަކެތި، އެ ސާވިސްގެ އުސޫލުތަކުގެ މަތީން ނައްތާލާފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.