ރާއްޖެއިން އިތުރު 2،700 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އެޑްމިޓް ކުރާ މީހުން ވެސް އިތުރުވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2،707 މީހުންނެވެ. މީގެ ތެރޭގައި މާލެއިން 1،420 މީހުން ޕޮޒިޓިވްވި އެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 761 މީހުން ޕޮޒިޓިވްވި އެވެ. ރިސޯޓްތަކުން މިއަދު 94 މީހުން، ސަފާރީއަކުން ތިން މީހުން މިއަދު ޕޮޒިޓިވްވި އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 120،168 އަށް އަރާފަ އެވެ.

އަލަށް ކޮވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ.

މިވަގުތު 15،721 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 52 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 104،14 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

ކޮވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7681 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފަ އެވެ.

މި ބަލީގައި 270 މީހަކު ވަނީ ނިޔާވެފަ އެވެ. މިއީ މިފަދަ ބަލިމަޑުކަމެއްގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ފަހަރު އެވެ.