ކޮވިޑް-19 އަށް ފަރުވާހޯދަމުން ގެންދަނިކޮށް އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިޔާވީ ފުވައްމުލަށް ސިޓީއަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުވައްމުލައް ސިޓީގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ގެންދަނިކޮށް އޭނާ ނިޔާވީ އިއްޔެގެ ވަގުތެއްގައިކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 271 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް 122،777 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 105،827 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ.

2،609 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނާއިރު، ބަލީގައި ހޮސްޕިޓަލުގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން 57 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.