ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެ، ޖުމްލަ 274 އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެފަހުން ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެ އިން ނިޔާވި 274 ވަނަ ފަރާތެވެ.

ކޮވިޑް ބަލީގައި މިއަދު ހެނދުނުވެސްވަނީ ދިވެއްސަކު ނިޔާވެފައެވެ. ހެނދުނު ނިޔާވެފައިވަނީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯނާއެކު ރާއްޖޭގައިވެސް ކޮވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށްބޮޑުތަން އިތުރުވެފަ އެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ވަނީ މައްޗަށް އަރަންފަށާފަ އެވެ. މިގޮތުން އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 16600އަށްވުރެ ގިނަ އެކްޓިވް ކޭސް މިހާރު ރާއްޖޭގައި އޮތް އިރު މީގެތެރެއިން 57 މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.