ކޮވިޑްއިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ހަމަހަމަކަމާއެކު ގައުމުތަކަށް ފޯރުކޮށްދިނުމަށް އދ. އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ޑަބްލިޔުއެޗްއޯގެ ވެރިޔާ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޯސް ތާއީދު ކުރައްވައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެންމެނަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ ފުރުސަތު ހޯދައިދިނުމަށް ޝާހިދު ފައްޓަވާފައިވާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި މިކަމުގައި އާއްމިު މަޖިލީހުގެ ރައީސް ޝާހިދު ގެންގުޅުއްވާ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު އދ.ގެ 193 ގައުމާ މުހާތަބުކުރައްވައި ޝާހިދު އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި ވެސް ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ އެންމެންނަށް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ގޮވާލެއްވި އެވެ.
މިއަހަރުގެ އާ އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި ވެކްސިން އިކުއިޓީ ކެމްޕޭންގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކާ ޖަމިއްޔާތަކުން ވެސް ގެންދަނީ ބައިވެރިވަމުންނެވެ.
މި ފެށޭ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ގައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގެ ބައްދަލުވުމެއް މިކަމާ ބެހޭގޮތުން ބާއްވަން އދ. އިން ވަނީ އިއުލާން ކޮށްފަ އެވެ.