ފިލްމު ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯ ފަޅާލައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ސްޓޫޑިއޯ ފަޅާލާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަދި އެތަން ފަޅާލައި އެތެރެއަށް ވަދެފައިވަނީ އެތަނުގެ ބިއްދޮށް ފަރާތުގައިވާ ދޮރު މަތާލުމަށްފަހު ޖަހާފައިވާ ޕްލައިވުޑް ބިއްގަނޑު ހަލާކުކޮށްލުމަށް ފަހު ކަމަށްވެ އެވެ.

އެ ހާދިސާގަޢި އެ ސްޓޫޑިއޯ ފަޅާލައި 40،000 ރުފިޔާއަށް ވުރެ އަގު ބޮޑުތަކެތި ވަގަށް ނަގާފައިވާ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ބާނީ މުހައްމަދު އަލީ (މޮގާ) ވަނީ ބުނެފަ އެވެ.

މޮގާ ބުނީ އެ ސްޓޫޑިއޯއިން ވައްކަން ކުރި ތަކެތީގެ ތެރޭގައި ދެ ރޮނިން އާރްއެސް ޓޫ، އަކާއި، ސިިމްސާ 100-50 އެމްއެމްގެ ލެންސް ހިމެނޭ ކަމަށެވެ. އަދި އެތަކެއްޗަކީ 40،000 ރުފިޔާއަށްވުރެ އަގު ބޮޑު ތަކެތި ކަމަށާއި، އެއީ ކުރިއަށް ފެށުމަށް ހަމަޖެހިފައިވާ ފިލްމުގެ މަސައްކަތް ކުރުމަށް ގެނެސްފައިވާ ތަކެތި ކަމަށް މޮގާ ވިދާޅުވި އެވެ.

މޮގާ އިތުރަށް ބުނީ އެތަކެތި ގެއްލުމާއި ގުޅިގެން ފިލްމުގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް ދެން ފެށޭނީ އެތަކެތި ލިބުމުން ކަމަށާއި، ނުލިބިއްޖެ ހާލަތެއްގައި އެތަކެތި އަލުން ގަނެގެން ކަމަށް މޮގާ ބުންޏެވެ.