ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 8:5 ހާއިރު ނިޔާވެފައި ވަނީ ޅ. ނައިފަރު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ އަންހެން މީހެއް ކަމަށެވެ. މިމަރާއެކު ރާއްޖެއިން ކޯވިޑުގައި ނިޔާވި މީހުންގެ އަދަދު ވަނީ 275 އަށް އަރާފަ އެވެ.

އަދި މިއީ މިބަލީގައި މިމަހުގެ މިހާތަނަށް ނިޔާވި 13 ވަނަ މީހާ އެވެ.

ރާއްޖޭގައި މިވަގުތު 17،589 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 53 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން މިހާތަނަށް 136،126 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 118،249 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި މިއަދު 2،838 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.