ފުލުހުންގެ ބޭނުމަށް 75 މޮޓޯ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ 125 ސީސީގެ 75 މޮޓޯ ސައިކަލް ސަޕްލައިކުރުމަށް ޝައުގުވެރިވާ މީހުން މިއަދު މެންދުރު 2:00ގެ ކުރިން ބީލަމުގެ ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.
ސައިކަލު ސަޕްލައިކުރުމަށް ރަޖިސްޓްރީ ވުމުން ނަންބަރެއް ޖަހާފައިވާ ސްލިޕެއް ލިބޭނެ ކަމަށާއި، ސްލިޕް ނެތްނަމަ ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ބީލަމާއި ގުޅިގެން އިތުރު އެހެން މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިއަދު ހަވީރު 4 ގެ ކުރިން އެއިދާރާއަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފު ކުރެވޭނެކަމަށެވެ.
މި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ހަތަރުވަނަ ދުވަހުގެ ހެނދުނު 10 ގައި އެވެ. އަދި ބީލަން ހުޅުވާނީ ފުލުހުންގެ އިސްކަންދަރު ކޮށީގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ގިނަ އަދަދެއްގެ ސައިކަލު ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާނުކުރި ނަމަވެސް، އެއީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް އިދާރާތައް ގާއިމުކޮށް ވަސީލަތްތައް އިތުރުކުރަމުންނެވެ.