ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮއިކޮޓް ކުރަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތްބާނާ ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށްދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުންވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައި ކަމަށެވެ.

އިދިކޮޅުން ބުނީ އިންތިހާބެއް ބޯމަތިވެފައި އޮތްއިރު، ސަރުކާރުންދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ކަމަށެވެ. މިހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން މިވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށާއި އަދި ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން އެ މުއައްސަސާ ހައިޖެކް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ޚުދު މުޚުތާރުކަމާއި ޑިމޮކްރެސީއާއި ބީރައްޓެހިކަން ހާމަވެގެންދާ ކަމެއް ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"މިސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެކިއެކި ގޮތްނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާއިރު، ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާ ހިންގާ އިންޑިއާ އައުޓް ކެޕްމެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވެ، މިކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް ޖަލަށްލުމަށް ގާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެކެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެންކަމުން މިހާ ޚުދުމުޚުތާރު، ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި، އިސްވެ ދެންނެވުނު ކަންކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ." އެ ބަޔާނުގައިވެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބައްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ ރިޔާސީ ބަޔާނުގައި ގައުމުގެ އިގްތިސާދީ ސިޔާސަތުތައް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.