ކ. މާފުށީ ޖަލުގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު މަދުވެއްޖެ އެވެ.

ގިނަ އަދަދެއްގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޖަލު ކުއްލި ހާލަތަށް ގެނައީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

ކަރެކްޝަނުން މީގެ ކުރިން ބުނިގޮތުގައި މާފުށި ޖަލުން 63 ގައިދީއަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި 419 ގައިދީއަކު ފާހަގަކޮށްފައިވާ ކަމަށާއި، އެ މީހުން އެކަހެރި ކޮށްފައިހުރިކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.

ނަމަވެސް އެ އިދާރާއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މާފުށި ޖަލުން ޕޮޒިޓިވްވި ގައިދީންގެ އަދަދަކީ 38 އެވެ. އޭގެ ތެރޭގައި 37 ގައިދީއެއް ހިމެނޭއިރު، ދެން ޕޮޒިޓިވްވެފައިވަނީ މާފުށި ޖަލުގައި މަސައްކަތް ކުރާ އޮފިސަރެކެވެ.

މާފުށި ޖަލުގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދިއުމާއި ގުޅިގެން ކަރެކްޝަނުން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުމުގެ އިތުރުން ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިންވެސް ފެނިފައިވާއިރު، ފާއިިތުވި ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރިކޯޑު އަދަދަކަށް މަތިވެފައިވެ އެވެ. ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން ދިޔައީ އޮމިކްރޯންގެ ސަބަބުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ ވިދާޅުވެފަ އެވެ.