މާލެ ސަރަހައްދުން 628 ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ 1،757 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއިން 5،792 ސާޕަލް ޓެސްޓް ކޮށްފައިވާއިރު މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 2،583 ސާޕަލް އެވެ.

މީގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 628 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 815 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 133 މީހުންނެވެ.

މާލޭގެ ޕޮޒިޓިވްވާ ރޭޓް އުޅެނީ 25 ޕަސެންޓްގަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު މާލޭގެ ޕޮޒިޓިވިޓީ ރޭޓް 38 ޕަސެންޓަށް ވެސް އެރި އެވެ.

މިއަދު އަލަށް 1،757 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ 150،337 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 17،169 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 52 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ. އަދި 132،872 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި 283 މީހަކު ވަނީ ނިޔާވެފަ އެވެ.