ފުލުހުންގެ އޮޕަރޭޝަންތަކުގައި ފުރަތަމަ ފަހަރަށް ޔުނިފޯމްގައި ހަރުކުރި ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.

"ބޮޑީ ވޯން ކެމެރާ"ގެ ޚިދުމަތް ފެށުން ފާހަގަކުރުން ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

މި ޚިދުމަތް އިފްތިތާހުކޮށް، މާލޭގެ ބައެއް ސަރަޙައްދުތަކުން ފުލުހުންގެ ހަރަކާތްތަކާއި ޓްރެފިކް އޮޕަރޭޝަންތަކުގެ އަޑާއި މަންޒަރު ވަގުތުން ވަނީ ދައްކާފަ އެވެ.

ފުލުހުން ބުނީ ބޮޑީ ވޯން ކެމެރާއަކީ ޑިއުޓީގައި ތިބޭ ފުލުުހުންގެ ޔުނީފޯމްގައި ހަރުކޮށް ވީޑިއޯއާއި އަޑު ރިކޯޑްކުރެވޭ ކެމެރާއެއް ކަމަށެވެ. މި ޚިދުމަތް ފެށިއިރު ފުލުހުން ބޭނުންކުރަނީ 200 ކެމެރާ އެވެ. މިއީ އެކްޒޮން ބްރޭޑްގެ ކެމެރާތަކެވެ.

ފުލުހުން ބުނިގޮތުގައި މި ޚިދުމަތާއެކު ފުލުހުން އޮޕަރޭޝަންތައް ކުރިއަށްދާ ވަގުތު މަންޒަރުތައް ވަގުތުން ބަލާލެވޭނެ އެވެ. އަދި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައި ވަނީ ޒަމާނީ ޓެކްނޮލިޖީގެ އެހީގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ހިމެނޭ ހަ ދާއިރާގެ ތެރެއިން، ސްޓްރެޓިޖިކް އޮގަނައިޒޭޝަން ރިފޯމް އެންޑް ޓްރާންސްފޯމްގެ ތެރެއިން ފެށި މަސައްކަތެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި ރަސްމިއްޔާޓުގައި ވާހަކަދައްކަވަމުން ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ވިދާޅުވީ މިއީ ފުލުހުންގެ މުއައްސަސާ ޒިންމާދާރުކަމާއި ޖަވާބުދާރީވާ މުވައްސަސާއަކަށް ހެދުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތެއް ކަމަށެވެ. މީގެ ސަބަބުން ޢާއްމުންނަށް ފުލުހުންނާމެދު އޮންނަ އިތުބާރު ބޮޑުވާނެ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން ކުށްތަކާ ދެކޮޅަށް ނަތީޖާ ނެރުމުގައި އަވަސްވެގެންދާނެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުންކުރާ ޓެކްނޮލޮޖީ. މިއީ ވަރަށް ރަނގަޅު އިސްލާހީ ބަދަލެއް،" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ 200 ކެމެރާއާއިއެކު ފެށި މި މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

"ބޮޑު ހޭދައެއް މިއީ. މި ހޭދައިގެ ސަބަބުން ކަށަވަރުވެގެންދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އަދި ފުލުހުންގެ މަސައްކަތްކުރުމުގެ ޒިންމާދާރުކަން،" އިމްރާން ވިދާޅުވި އެވެ.

މި ޚިދުމަތް ޕައިލެޓް ކުރުމަށް ބޮޑީވޯން ކެމެރާގެ ޓެސްޓު ބުރުތަކެއް ދެ ފަހަރެއްގެ މަތިން ވަނީ ކުރިން ގެންސްފަ އެވެ. އަދި ކެމެރާ ބޭނުންކުރާ ފުލުހުންނަށް ބޭނުންވާ ތަމްރީންތައް ވެސް ވަނީ ދީފަ އެވެ.